ކޮރަޕްޝަނުގެ މައްސަލަ ބެލުމުގައި ތަފާތުނުކުރާކަމަށް އޭސީސީގެ ރައީސް ވިދާޅުވެއްޖެ

10 May 2017

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގައި ވަކި މީހަކަށް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.

“އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” އިފްތިތާޙުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މަހާސިންތާ ތަޢާރަފްކޮށްދެއްވަމުން ޙަސަން ލުޠުފީ ދެއްކެވި ވާހަކަފުޅުގައި، އޭސީސީން އަބަދުވެސް މަސައްކަތްކުރަނީ ވަކިފަރާތަކަށް ބުރަވުމެއްނެތި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު އޭސީސީއާ މަތިކުރެވިފައިވާ ޒިންމާތައް ވީއެންމެ ފުރިހަމައަކަށް އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ.

ލުޠުފީގެ ވާހަކަފުޅުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ދައުލަތުގެ އިދާރާތަކަށް އޭސީސީގެ ޓީމްތައް ދިއުމުން ނުވަތަ ބައެއް ފަރާތްތައް އޭސީސީއަށް ޙާޒިރުކުރުމުން ތަފާތު ފާޑުކިޔުންތައް ކުރިމަތިވާކަމަށާއި، ނަމަވެސް ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އޭސީސީގެ މެމްބަރުންނާ މުވައްޒަފުން ކުރަންޖެހުނު ކޮންމެ ކަމެއް ޤާނޫނީ އިމުގެ ތެރެއިން ކުރާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭސީސީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރިޔަށް ގެންދާ މި މަހާސިންތާއަކީ ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތައް އެއްވެ މަޝްވަރާކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހާސިންތާއެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×