ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މާލީ މުޢާމަލާތްތައް ހިންގުމަށް މެދުވެރިވަނީ ގަވާއިދުތަކާ އުޞޫލުތަކަށް ޢަމަލުނުކޮށްގެންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު (10 މޭ 2017) ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ މަޝްވަރާ ސެޝަންތަކުގައި ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ މާލީ މުޢާމަލާތްތަކުގައި ދިމާވާ މައްސަލަތައް ދެނެގަތުމާއި، އެފަދަ ކަންކަން މުސްތަޤުބަލުގައި މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ގަވާއިދުތަކަށް ޢަމަލުކުރުމުގައި ފަރުވާކުޑަވެގެން ދަނީ މުއައްސަސާތަކުގެ އެންމެ އިސްކޮށްތިބޭ ފަރާތްތަކުގެ ކިބައިން ގަވާއިދުތަކާ އެއްގޮތަށް ކަންކަން ގެންދިއުމަށް ބާރުއެޅޭ މިންވަރު ކުޑަވުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ފައިސާގެ މުޢާމަލާތްތައް ހިންގި ނަމަވެސް އޭގެ ސަބަބުން އިތުރު ފިޔަވަޅެއް އެޅި އެކަމުގައި ޒިންމާނުކުރެވި ދިއުމުގެ ސަބަބުންކަމަށް ފާހަގަކުރެއްވިއެވެ.