ޚިޔާނާތާއި އޮޅުވާލުމުގެ މައްސަލަތައް ބެއްލެވުމަށް މެދުވެރިވާ އެންމެބޮޑު އެއް ދައްޗަކީ ޑޮކިއުމެންޓްތައް ނުލިބުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު (10 މޭ 2017) ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ މަޝްވަރާ ސެޝަންތަކުގައި ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައެވެ. ޕޮލިސް ސަރވިސް އިން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ޚިޔާނާތާއި އޮޅުވާލުމުގެ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާތޯ ހޯދައި ބަލައި ދެނެގަތުމާއި، އެފަދަ މައްސަލަތައް ދިމާވުން މަދުކުރެވިދާނެ ގޮތްތަކީ ކޮބައިތޯ ހޯދައި ދެނެގަތުމާއި، އަދި އެފަދަ މައްސަލަތައް ޝަރުޢީ ކޯޓުތަކުގައި ސާބިތުކުރުމަށްހުރި ގޮންޖެހުންތައް ދެނެގަތުމެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މައްސަލަތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، މައްސަލަތައް ތަޙުޤީޤުކުރުމުގައި ތަޙުޤީޤަށާއި އަދި މުޅި މައްސަލަ ސާބިތުވުމަށް ލިބޭނެ އެންމެ ބޮޑު އެއް އެހީތެރިކަމަކީ މައްސަލަ ދިމާވުމުން ވީހާވެސް އަވަހަކަށް އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންކަމަށް ފާހަގަކުރެއްވިއެވެ.