ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރުމުގައި އޭސީސީއަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކަށް އޭސީސީން އިލްތިމާސް ކޮށްފިއެވެ.
އޭސީސީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، މިއަދު (10 މޭ 2017) ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގެ މަޝްވަރާ ސެޝަންތަކުގައި ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައެވެ. އޭސީސީން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ކޮރަޕްޝަނުގެ ބޮޑެތި ތަޙުޤީޤުތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އެ ގޮންޖެހުންތައް ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، އެ ގޮންޖެހުންތަކަށް ހުށަހަޅާ ޙައްލުތައް ދެނެގަތުމެވެ.
އޭސީސީން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަޙުޤީޤުތަކުގައި ލިޔެކިޔުން ހޯދުމަށް ފޮނުވާ ޢަމުރުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބުމާއި، ލިޔެކިޔުންތައް ހޯދުމަށް ދިއުމުން ލިޔެކިޔުންތައް ނުލިބުމާއި، ޤާނޫނުތަކުގައި ކޮރަޕްޝަން މާނަކޮށްދީފައިނުވުމާއި، ނުހައްޤު މުއްސަނދިކަމަކީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވުމަކީ ބޮޑެތި ތަހުޤީޤުތަކުގައި ދިމާވާ ގޮންޖެހުންތައް ކަމަށް ފާހަގަކުރެއްވިއެވެ.