ޖިނާއީ ޢަދުލުގެ ނިޒާމުގެ މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ކުރިމަތިވާ ބައެއް ގޮންޖެހުންތަކާއި، ޙައްލުތަކުގެ ތެރެއިން އަމާނާތްތެރިކަން ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އައިޔޫއެމްއިން ކަރުދާހެއް ހުށަހަޅުއްވައިފިއެވެ.
އިސްލާމީ ޔުނިވަރސިޓީން މި ކަރުދާސް ހުށަހަޅުއްވާފައިވަނީ، 10 މޭ 2017 ން ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގައި ހުށަހެޅުއްވި ކަރުދާހުގައެވެ. އިސްލާމީ ޔުނިވަރސިޓީން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމާއި، އޭގެ އުންޞުރުތައް ދެނެގަތުމާއި، ނިޒާމުގެ މަޤްޞަދު ޙާޞިލްކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ޙައްލު އިސްލާމީ ނަޒަރަކުން ހޯދުމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އަމަނާތްތެރިކަމުގެ މުހިއްމުކަން އަންގައިދިނުމެވެ.
އިސްލާމީ ޔުނިވަރސިޓީގެ ކަރުދާހުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކުށްނުކުރާ ވެއްޓެއް ޤާއިމްކުރުމަށްޓަކައި ތަޢުލީމާއި ތަރްބިއްޔަތުގެ ތެރޭގައި އަމާނާތްތެރިވުމުގެ މުހިންމުކަން އަންގައިދޭންޖެހޭކަމަށާއި، ޢިލްމީ ޤާބިލު މީހުން ބިނާކޮށް، އެފަދަ މީހުންނަށް މަސްއޫލިއްޔަތު ޙަވާލުކުރުމާއި، އެމީހުން ޛިންމާދާރު ކުރުވަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.