ކަޅު ފައިސާ ދައުރުވުން ހުއްޓުވުމަށްޓަކައި ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނަގައި އެފައިސާއާމެދު ޢަމަލުކުރާނެ ޤާނޫނެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަރުދާހެއް ހުށަހަޅުއްވައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިކަރުދާސް ހުށަހެޅުއްވީ، 10 މޭ 2017 ން ފެށިގެން ކުރިއަށްދާ “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ގައި ހުށަހެޅުއްވި ކަރުދާހުގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ކަޅު ފައިސާ ދައުރުވާ މައިގަނޑު ސަބަބުތައް ދެނެގަނެ ކަޅު ފައިސާ ދައުރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ތަޙުޤީޤީ އަދި ތަންފީޒީ އިދާރާތަކަށް ދިމާވާ ދަތިތަކަށާއި އަދި އެދަތިތަކަށް ހޯދިދާނެ ހައްލުތަކާ ގުޅޭގޮތުން ޢިލްމީ ނަޒަރަކުން މަޝްވަރާކުރުމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުށަހެޅި ކަރުދާހުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާތަކުން މުދާގަނެވިއްކުމުގަޔާއި އަދި ޕްރޮޖެކްޓްތައް ހިންގުމުގައި ދެފުށްފެންނަ ސިޔާސަތުތައް ބޭނުންކުރުމަކީ ކަޅު ފައިސާއިން ދައުލަތުގެ ޒިންމާދާރު ފަރާތްތައް އެއްކިބާކުރުމަށް އަޅަންޖެހޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، ކަޅު ފައިސާ އިޤްތިޞާދުގައި ދައުރުވުމުގައި ޤާނޫނީ އޮނިގަނޑު ފުރިހަމަނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ކަޅު ފައިސާ ދައުރުކުރުމަށް ދިމާވާ ސަބަބުތައް ހުރިކަމަށާއި، ކަޅު ފައިސާ ދައުރުކުރުމުގައި ނަޤުދު ފައިސާގެ އިތުރުން ކުންފުނިތައް ފަދަ އިޤްތިޞާދީ ވަޞީލަތްތަކާއި މާލީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެކި ގޮތްގޮތަށް ޝާމިލުކުރާ ކަމަށް ފާހަގަކުރެއްވިއެވެ.