އޭސީސީގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

21 May 2017

 

2016 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެއެވެ.
މިގޮތުން 2017 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 274 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 219 މައްސަލައެވެ. މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 25 އިންސައްތައިގެ އިތުރުވުމެކެވެ.
ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 248 މައްސަލައެވެ. 2016 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 212 މައްސަލައެވެ.
އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 20 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 18 މައްސަލައެވެ.
މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 34 މައްސަލަ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 43 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×