1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރުމާބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ކޮމިޝަނުން ބަލަމުންދާތީ، ކޯޓާ ދޫކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އަންގައިފި

21 May 2017

 

1438ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށްޓަކައި އެކަމަށް އެދޭ ފަރާތްތަކަށް ޙައްޖުކޯޓާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރެއްވި އިޢުލާނާ ގުޅިގެން ޙައްޖުކޯޓާ ލިބޭ ފަރާތްތައް ހޮއްވެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށްބުނެ މި ކޮމިޝަނަށް ސީރިއަސް ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަ މި ކޮމިޝަނުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

އަދި، އެ ޝަކުވާތަކާ ގުޅިގެން މި ކޮމިޝަނުން ބަލަމުންދާ މައްސަލަ ބަލައި ނިމިގެން ވަކި ގޮތަކަށް އަންގަންދެން، 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތާގުޅޭ އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުމަށް މިއަދު (21 މޭ 2017 ގައި) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ވާނީ ދެންނެވިފައެވެ.

1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދޭނެ ކުންފުނިތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޢާންމުކުރެއްވުމާ ގުޅިގެން، ބައެއް ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ ޝަކުވާވެސް ވަނީ ހުށަހެޅިފައެވެ.

ވީމާ، 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި މިހާތަނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެއްވެސް ކުންފުންޏަކަށް ހުއްދަދީ، ކޯޓާ ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާތީ، ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނުނެގުމަށާއި، އަދި ޢާންމު ފަރާތްތަކުންވެސް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

 

މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މި ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މައްސަލަ ބަލައި ނިމުމުން ނިންމާގޮތެއް ވަރަށް އަވަސް ފުރުޞަތެއްގައި ހާމަކުރާނެވާހަކަ ދަންނަވަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×