އޭސީސީގެ މުވައްޒަފުންނަށް ދީނީ ދަރުހެއް ބާއްވައިފި

25 May 2017

1438 ވަނަ އަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، އޭސީސީގެ މުވައްޒަފުންނަށް ޚާއްޞަ ދީނީ ދަރުހެއް ބާއްވައިފިއެވެ.

މިފަދަ ދަރުހެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އޭސީސީގެ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ކަންތައްތަކަށް ލޯބިޖެއްސުމެވެ.

23 މޭ 2017 ގައި އޭސީސީގައި ބޭއްވި މި ދަރުސް ދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ، ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ. “ރަމަޟާންމަހަށް ތައްޔާރުވުން” މި މަޢުޟޫއަށް ދެއްވި ދަރުސްގައި ރަމަޟާންމަހުގައި ކެތްތެރިވުމަށާއި، ހެޔޮޢަމަލު ކުރުމަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭކަމަށާއި، އެ 2 ސިފައަކީ ރަމަޟާންމަހާ ގުޅިފައިވާ 2 ސިފަ ކަމަށް ވިދާޅުވެ، ދީނީ ނަޒަރަކުން އެކަންކަމުގެ މައްޗަށް ބައްލަވާ ލެއްވިއެވެ. މީގެއިތުރުން، ކީރިތި ޤުރުއާނުގެ އަޞްރު ސޫރަތުގައި ވަރަށް މުހިންމު 4 ސިފައެއް ބަޔާންކުރައްވާފައިވާކަމަށާއި، އެ 4 ސިފައަކީ އީމާންވުމާއި، ހެޔޮ ޢަމަލުކުރުމާއި، އެކަކު އަނެކަކަށް ހެޔޮޢަމަލުކުރުމަށް ނަސޭހަތްތެރިވުމާއި އަދި ކެތްތެރިވުން ކަމަށާއި، މި ދުނިޔެއާއި އާޚިރަތުގައި ކާމިޔާބުވުމަށް އެދޭނަމަ އެ 4 ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އިލްތިމާސްކުރެއްވިއެވެ.

މި އަދުގެ ދީނީ ދަރުހަށްފަހު، އޭސީސީގެ މުވައްޒަފުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާހެފުމެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރުންނާއި ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×