ސްޓެލްކޯއިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރި މައްސަލައާ ގުޅިގެން ދެފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

31 Jul 2017

ސްޓެލްކޯއިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރިކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤްކުރުމަށްފަހު، ސްޓެލްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،  ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސްނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއްކަމަށް މަނިޓަރީ ގަވާއިދު (01 މާރިޗް 1987) ގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާއާ ޚިލާފަށް ފައިސާ ޚަރަދުކުރުމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް 02 އޮގަސްޓު 2016 ހުއްދަދީފައިވާއިރު، ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ ގަވާއިދުތަކާއި ކުންފުނީގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ހިންގާ ބެލެހެއްޓުމަކީ އޭނާގެ  ވަޒީފާގެ މަޞްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ.

 

އިސްވެދެނެވުނު ފައިސާ ޚަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން ސްޓްލްކޯއަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުޢާމަލާތެއް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެންކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވެއެވެ. ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައިނުވާކަން ތަޙްޤީޤަށް ސާބިތުވެއެވެ.

 

މީގެއިތުރުން، ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައިވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ތަޙްޤީޤަށް ސާބިތުވެއެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއްކުރުމަކާއިނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމަށް ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގެއެވެ.

 

އެފައިސާ ޚަރަދުކުރުމަށް ނިންމާފައިއެވަނީ، ސްޓެލްކޯއަށް ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް، ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކުންފުނިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް ރިކުއެސްޓްކުރި ކޮންމެ ފަހަރަކުވެސް، ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.

 

 

ސްޓެލްކޯއަށް 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެކުންފުނިން ޚަރަދުކުރުމުގެ ސަބަބުން، ސްޓެލްކޯއަށް ޑޮލަރު ވިއްކި ޕްރައިވެޓް ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގެއެވެ. މިކަމަކީ ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރއާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އިސްވެދެންނެވުނު ޕްރައިވެޓް ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާކަމެއްކަން ތަޙްޤީޤަށް ސާބިތުކުރެވޭތީ މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) 513 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރއާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް ގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައެވެ.

 

 

 

މީގެއިތުރުން، ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކުރުމެއް ނެތި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމުގެ ސަބަބުން، އެފައިސާގެ ބަދަލަށް ޑޮލަރު ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، އެ ފައިސާއަކީ އެކުންފުޏަށް ލިބެންޖެހޭ ފައިސާއެއްކަމުން، މި ފައިސާއަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓަގެ ހެޑް އަދި އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިންމާވާންޖެހޭނެތީ، ޑޮލަރުގަތުމަށް ސްޓެލްކޯއިން ޚަރަދުކޮށްފައިވާ 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެފަރާތްތަކުގެ އަތުން ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×