ރާއްޖެއަށް އެތެރެކުރާ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއާކުރުމާ ގުޅޭ ދިރާސާ ރިޕޯޓް އޭސީސީއިން އާންމުކޮށްފި

17 Sep 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަސްޓަމްސް ދާއިރާއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓް، “ރާއްޖެއަށް އެތެރެކުރާ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއާކުރުން” އާންމުކޮށްފިއެވެ. މިރިޕޯޓް އާންމުކޮށްފައިވަނީ 17 ސެޕްޓެމްބަރު 2017 ވީ އާދީއްތަ ދުވަހު، ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި މިކަމަށް ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ރިޕޯޓް ނެރެދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހިމް ޝަރީފް މުޙައްމަދެވެ.

ކަސްޓަމްސް ދާއިރާއަށް ޚާއްޞަކޮށްގެން އޭސީސީއިން ހަދާފައިވާ ރިސްކް އެސެސްމެންޓަކީ ކޮމިޝަނަށް ހުށަހެޅުނު ބައެއް މައްސަލަތަކާ ގުޅިގެން ކޮމިޝަނުން ހިންގި ތަޙުޤީޤު ތަކުގައި ފާހަގަ ކުރެވިފައިވާ ބައެއް މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމި ދިރާސާއެކެވެ. މިދިރާސާގެ މަޤްޞަދަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ޢަމަލުކުރަން ކަނޑައެޅިފައިވާ އުޞޫލުތައް ތަންފީޒުކުރާކަން ކަށަވަރުކުރުމާއި މިއުޞޫލުތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ގޮތް ދެނެގަތުމެވެ. މިދިރާސާގެ ނަތީޖާގައި ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ މައްސަލަތަކާއި ޤާނޫނާއި ގަވާއިދަށް ޢަމަލުކުރުމާއި ކަސްޓަމްސް ސަރވިސްގެ ހިންގުމުގެ ނިޒާމުގައި ފާހަގަކުރެވުނު އުސޫލީ މައްސަލަތަކަށާއި އެހެނިހެން ގޮންޖެހުންތަކަށް އަލިއަޅުވާލާފައި ވާނެއެވެ. ދިރާސާގައި ހިމެނޭ މައިގަނޑު ކަންތައްތައް އިސްލާޙް ކުރުމަށް ކޮމިޝަނުންދޭ ލަފަޔާ އިރުޝާދު މިރިޕޯޓުގައިވަނީ ހިމަނާފައެވެ. މިދިރާސާގެ ހޯދުންތައް ބިނާވެފައިވަނީ ރާއްޖެއަށް އެތެރެކުރާ މުދާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކްލިއާކުރުމުގައި 2012 އިން 2015 ގެ ނިޔަލަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ މައްޗަށެވެ.

މިރިޕޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް އިބްރާހީމް ޝަރީފް މުޙައްމަދާއި އޭސީސީގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދުގެ އިތުރަށް ކަސްޓަމްސްއާއި އޭސީސީގެ ބައެއް އިސް މުވައްޒަފުން ބައިވެރިވިއެވެ. ރިޕޯޓް އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ ޖެނެރަލްވަނީ އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޝަނުގެ ނާއިބު ރައީސްގެ ވާހަކަފުޅުގައި މިދިރާސާ ކުރިޔަށް ގެންދިޔުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެހެނިހެން އިދާރަތަކުން ދެއްވާފައި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ. އެމަނިކުފާނުގެ ވާހަކައިގައި ކޮމިޝަނުން އަދިވެސް މިފަދަ އިތުރު ދިރާސާތަކެއްގެ މިއަހަރު ނިންމުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. މިދިރާސާގެ ރިޕޯޓް މިހާރު ކޮމިޝަނުގެ ވެބްސައިޓުން ވަނީ ޝާއިޢު ކުރެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×