އޭސީސީއިން އައިޔޫއެމްގެ ކޮންފަރެންސް އައި.ސީ.އައި.އޭ 2017 ގައި ބައިވެރިވެއްޖެ

24 Sep 2017

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ސެޕްޓެމްބަރު މަހުގެ 23 އިން 24 އަށް ބާއްވަމުންގެންދާ “އިސްލާމީ ހޭލުންތެރިކަމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ (އައި.ސީ.އައި.އޭ 2017) : މެނޭޖްމަންޓް، ލީޑަރޝިޕް އަދި އައު އީޖާދުގެ ތެރެއިން އިސްލާމީ މާލީ ޞަނާޢަތުގެ ސާބިތުކަމާއި ދެމެހެއްޓެނިވި ތަރައްޤީ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެ ކަރުދާސް ހުށަހަޅައިފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިޔަށްދާ މި މަހާސިންތާގައި އޭސީސީއިން ދިރާސާ ކަރުދާސް ހުށަހަޅާފައިވަނީ 24 ސެޕްޓެންބަރު 2017 ވީ އާދީއްތަ ދުވަހުއެވެ. އޭސީސީއިން ކަރުދާސް ހުށަހަޅާފައިވަނީ “ޙައްޖުގެ އިންތިޒާމުތައް ކުރުމުގައި އިތުބާރުކުރެވޭ ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން” މި މައުޟޫޢުއަށެވެ.
މިކަރުދާހުގެ މައިގަނޑު މަޤްޞަދަކީ ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކޮށް ދިވެހިންގެ ތެރޭގައި އިތުބާރު ކުރެވޭފަދަ ދެފުށްފެންނަ ގޮތަށް އެކަން ކުރުމަށް ބާރުއެޅުމެވެ. މިކަރުދާހުގައި ޙައްޖު އިންތިޒާމުކުރުމުގެ ނިޒާމު ދިރާސާކޮށް ޙައްޖަށް މީހުން ގެންދިއުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައާއި ރައްޔިތުންގެ ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓައި ހެޔޮ އަގެއްގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ޙައްޖު ކޯޕަރޭޝަނުގެ ދައުރު ފާހަގަކޮށްފައިވެއެވެ. އަދި މިނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް ބޭނުންވާނެ ޙައްލު އޭސީސީގެ ދިރާސާ ކަރުދާހުގައި ހިމަނާފައިވެއެވެ.





ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×