އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިއްޖެއެވެ. މި މަޤާމު އޭސީސީއަށް ލިބިފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 28 ސެޕްޓެންބަރު 2017 ވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފުލާގައެވެ. މި ޙަފުލާގައި އޭސީސީގެ ފަރާތުން ރަންވަނަ އެވޯޑާ ޙަވާލުވެވަޑައިގަތީ އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ.
މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އަކީ، ދައުލަތުގެ އިދާރާތަކުން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން ވީހާވެސް ގިނައިން މަޢުލޫމާތު އާންމުކުރުމަށް ހިތްވަރު ދިނުމަށާއި، ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށާއި، ވެބްސައިޓުގައި މަޢުލޫމާތު ހާމަކުރަމުންދާ މިންވަރާއި، އެ އިދާރާގެ މަޢުލޫމާތު ނޯޓިސް ބޯޑުގައި އާންމުކޮށް ތާޒާކުރަމުންދާ މިންވަރާއި، އިދާރާތަކުގެ ޔައުމިއްޔާ ލިޔެބަލަހައްޓާ ގޮތުގެ މައްޗަށް ބަލައިގެން ދެމުންދާ އެވޯޑެކެވެ.
2016 ވަނަ އަހަރުގެ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑްވެސް އޭސީސީއަށް ލިބިފައިވާއިރު، މިފަހަރު އެވޯޑް ދީފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން، މިއަހަރު އޭސީސީއަށް ރަންވަނަ ލިބިފައިވަނީ މިނިވަން މުއައްސަސާތަކުގެ ކެޓަގަރީންނެވެ.