އޭސީސީއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި 265 މައްސަލަ ނިންމައިފި

17 Oct 2017

މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވަނީ 265 މައްސަލަ ބަލާ ނިންމާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި 815 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެތެރެއިން 265 މައްސަލައަކީ 3 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. މިއީ 2016 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 57.74 އިންސައްތަ އިތުރު އަދަދެކެވެ. 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 168 މައްސަލައެވެ.

ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 7 މައްސަލައެއް މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާރިއު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 2 މައްސަލައެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 265 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ ޖުމްލަ 258 މައްސަލައެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 166 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 64 އިދާރާއަކަށް، އިޞްލާހުކުރުމަށް 82 އެންގުމެއް އަންގާފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިޞްލާހުކުރުމަށް އެންގިފައިވަނީ 70 އެންގުމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×