އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގެ ޖަމުޢިއްޔާތަކަށް ތަމްރީން ޕްރޮގްރާމް ބާއްވައިފި

13 Nov 2017

އިގްތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގެ ޖަމުޢިއްޔާތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 13 ނޮވެންބަރު 2017 ގައި ފުވައްމުލަކު ސިޓީގައެވެ.

އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކާއި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަށްތޯ ބަލައި މިފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ދަޢުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރ އަލްފާޟިލް ޢަބްދުﷲ ފަލާޙް ޝަރީފް އަދި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އަލްފާޟިލް އިބްރާހިމް އައިމަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢެއް ކަމަށްވާ ސިވިލް ވޯކްސް އޮފް އިކޯ ޓޫރިޒަމް ފެސިލިޓީސް ޕްރޮޖެކްޓްގެ އިޖްތިމާޢީ އޮޑިޓެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމުގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ފުވައްމުލަކު ސިޓީގެ މަދަނީ ޖަމުޢިއްޔާތަކަށެވެ. ޖަމުޢިއްޔާތަކަށް އަމާޒުކޮށްގެން މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ މަޤްޞަދަކީ މަދަނީ ޖަމާޢަތްތައް ބާރުވެރިކުރުވައި ހިންގުމުގެ ނިޒާމުގައި ހުރި އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކުރުމުގައި މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރުމެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން  ކުރިޔަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 19 ބައިވެރިން ބައިވެރިވެފައިވާއިރު، ފުރަތަމަ ދަންފަޅީގައި އިޖްތިމާޢީ ގޮތުން ޖަވާދުދާރީކުރުވުމާއި ރައްޔިތުންގެ ބައިވެރިވުމާއެކު ސަރުކާރު ހިންގުމާއި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. ދެވަނަ ދަންފަޅީގައި މަޢުލޫމާތު ދެވިފައިވަނީ އިޖްތިމާޢީ އޮޑިޓެއް ހިންގާނެ ގޮތާ ބެހޭގޮތުންނެވެ. މިސެޝަންތަކުގައި އޭސީސީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ބައިވެރިވެފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވި މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން މަނިކު އަދި އެސިސްޓެންޓް ރިސަރޗް އޮފިސަރ ޢާއިޝަތު މަނާލް ޚާލިދު އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×