ބީލަމުގެ އުޞޫލުން އަލިމަސް އުފާ ކާނިވާ ސަރަޙައްދާއި، މާލޭ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތާއި ގުޅިގެން ބިންތައް ޙަވާލުކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އަންގައިފި

09 Jan 2013

އަލިމަސް އުފާ ކާނިވާ ސަރަޙައްދަކީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދެއް ނޫންކަމަށާއި، ނަމަވެސް އެ ސަރަޙައްދު ތަރައްޤީކުރުމަށް މާލޭސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވާކަމަށާއި، އަދި މާލޭގެ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ އެ ސަރަޙައްދަށް ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭންގައި ބިންބޭނުންކުރެވޭ ބައިތައް ކަނޑައަޅައި އެ ބޭނުންތަކުގެ މައްޗަށްކަމަށް ވީނަމަވެސް، ތިޔަ ކައުންސިލުން ހުޅުވާލި ބީލަމުގައި މާލޭގެ ހުޅަނގު ދެކުނު ސަރަޙައްދު ހިމެނޭ ބިން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އަދި ބިން ބޭނުން ކުރެވޭނެ ބޭނުންތައް އެއީ މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މަޝްވަރާ ކުރެވިގެން ހުއްދަ ކުރެވިފައިވާ މިންގަނޑުތަކެއް ނޫންކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، މިމައްސަލަތައް މިކޮމިޝަނުން މިގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

              އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ ބިން ބީލަމުގެ އުޞޫލުން ތަރައްޤީކުރުމަށާއި، މާލޭ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލޭސިޓީ ކައުންސިލްގެ އިދާރާއިން ކުރަމުންދާއިރު، މި ބިންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޝަރުޢީ ކޯޓުތަކުގައި ކުރިއަށްދާތީ ކޯޓު މަރުޙަލާއިން ގޮތެއް ނިމުމުގެ ކުރިން މިބިންތައް ތަރައްޤީކުރުމަށް ޙަވާލުކުރައްވައިފިނަމަ، އަމިއްލަ ވިޔަފާރިވެރިންނަށާއި، މާލޭ ސިޓީކައުންސިލަށާއި، އަދި ސަރުކާރަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް ކުރިމަތިވެދާނެކަމަށް މިކޮމިޝަނުން ދެކެމެވެ.

              އެހެންކަމުން، މަތީގައި ދެންނެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު، އަލިމަސް އުފާ ކާނިވާ ސަރަޙައްދު ބިން ބީލަމުގެ އުޞޫލުން ތަރައްޤީކުރުމަށާއި، މާލޭ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތާ ގުޅޭ މައްސަލަތައް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރަމުންގެންދާތީ، މިކޮމިޝަނުން މިމައްސަލަތައް ބެލުމަށްފަހު، ވަކިއެއްޗެއް އަންގަންދެން އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ ބިން ބީލަމުގެ އުޞޫލުން ތަރައްޤީކުރުމަށާއި، މާލޭ ހުޅަނގު ދެކުނު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމަށް އެއްވެސް ފަރާތަކާ ޙަވާލުނުކުރުމަށާއި، އެއްވެސް ފަރާތަކާއެކު އެގްރީމަންޓް ނުކުރުމަށް 09 ޖެނުއަރީ 2013 ގައި މާލޭސިޓީ ކައުންސިލްގެ އިދާރާއަށް ވާނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×