އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ ޙަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 15 ނޮވެންބަރު 2017 ގައި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމްގައެވެ.
އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކާއި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަށްތޯ ބަލައި މިފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ އަދި ފުވައްމުލަކު ސިޓީގެ މޭޔަރ އަލްފާޟިލް ޢަބްދުﷲ ފަލާޙް ޝަރީފް ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، އިޖުތިމާޢީ އޮޑިޓަށް ޚާއްޞަކޮށްގެން ތަމްރީނުކުރި ފުވައްމުލަކު ސިޓީގެ ޖަމުޢިއްޔާތަކުގެ މެމްބަރުންނަށާއި، ދައުލަތުގެ މުވައްޒަފުންނަށް ބޭއްވި ހޭލުންތެރިކުރުމުގެ ސެޝަންގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދެވުނެވެ. އަދި، އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އޭސީސީއަށް ފުވައްމުލަކު ސިޓީކައުންސިލް އިދާރާއިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާއަށް ހަނދާނީ ފިލާއެއް ދެވުނެވެ.