ސައުތު އޭޝިއާގެ ގައުމުތަކުގެ ތަޙްޤީޤު ކުރާ އިދާރާތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަންތަކަށް އަމާޒްކޮށްގެން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އިން 22 ނޮވެންބަރުން 24 ނޮވެންބަރު އަށް ދިވެހިރާއްޖޭގައި “ވިސްލްބްލޯވަރ އެންޑް ވިޓްނަސް ޕްރޮޓެކްޝަން އިންދި ފައިޓް އަގައިންސްޓް ކޮރަޕްޝަން އިން ސައުތް އޭޝިއާ” ގެ ނަމުގައި ކުރިއަށްގެންދާ ރީޖަނަލް ވޯކްޝޮޕް ގައި އޭސީސީ އިން ބައިވެރިވެއްޖެއެވެ.
މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ވިސްލްބްލޯކުރުމާއި ވިސްލްބްލޯކުރާ ފަރާތްތައް ޙިމާޔަތްކުރުމުގެ ހަރުދަނާ ޤާނޫނެއް އޮންނަން ޖެހޭނެކަމާއި، މި ފަދަ ޤާނޫނެއް ނެތި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އަދި ނުފޫޒުގަދަ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓްކުރަން މީހުން ފަސްޖެހޭނެ ކަމެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ވިސްލްބްލޯކުރުމާއި ވިސްލްބްލޯކުރާ ފަރާތްތައް ޙިމާޔަތްކުރުމުގެ ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް، މި ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމާއި އާމުން މިކަމަށް ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި މި ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ޚިޔާލު ބަދަލުކުރުމެވެ.
މި ވޯކްޝޮޕްގައި އިންޑިއާ، ބޫޓާން، ބަންލަދޭސް، ނޭޕާލް އަދި ސްރީލަންކާގެ އެންޓި-ކޮރަޕްޝަން އިދާރާތައް ތަމްސީލުކުރާ ފަރާތްތަކުން ބައިވެރިވާއިރު އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް މި ވޯކްޝޮޕްގައި ބައިވެރިވެއެވެ.
ތިންދުވަހުގެ މި ވޯކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވާނީ ކޮމިޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރ، އަލްއުސްތާޛް ޙުސައިން ޠަލާލްއެވެ.