އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ އިންޓެގްރިޓީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

23 Nov 2017

17 ނޮވެންބަރު 2017 ން 23 ނޮވެންބަރު 2017 ގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ އިންޓެގްރިޓީ ފެސްޓިވަލް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 23 ނޮވެންބަރު 2017 ވީ ބުރާސްފަތި ދުވަހުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މިއީ، ޔޫއެންޑީޕީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ފެސްޓިވަލް އެކެވެ. މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއާއި، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުން އައްޑޫ ސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤު ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި، އޭސީސީން ނެރެން ފަށާފައިވާ “ހުދު ކަރުދާސް” ސީރީސްގެ 2ވަނަ ކަރުދާސް ނެރެފައިވެއެވެ. “ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުމަށް އިދާރީގޮތުން ދިމާވާ ބައެއް ގޮންޖެހުންތައް” މި މައުޟޫޢުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހުދު ކަރުދާސް ނެރެދެއްވީ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އެވެ.

އިންޓެގްރިޓީ ފެސްޓިވަލް ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އޭސީސީއަށް އައްޑޫސިޓީ ކައުންސިލް އިދާރާއިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް މި ރަސްމިއްޔާތުގައި ހަނދާނީ ފިލާއެއް ދީފައިވެއެވެ. މީގެއިތުރުން، އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށާއި، އައްޑޫ ސިޓީގެ ކުޑަކުދިންނަށް ބޭއްވި ނަޒާހަތްތެރި ހަވީރު ގައި އެކިގޮތްގޮތުން ބައިވެރިވެ އެހީތެރިކަން ދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދެވުނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×