ލ.އިސްދޫކަލައިދޫ ކައުންސިލަރެއްގެ މަޤާމުގައި ކުރިން ހުރި ޙުސައިން ޚަލީލް، ލ. އިސްދޫ ކަލައިދޫ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުން ހެދުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާތީ، ޙުސައިން ޚަލީލް މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

22 Jan 2013

ލ. އިސްދޫ ކަލައިދޫ އަވަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި ސަރަކާރުން 2010 ވަނަ އަހަރު އިމާރާތްކުރި މިސްކިތް އިމާރާތްކުރުމުގައި އެގްރިމެންޓާ ޚިލާފުވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލިއިރު؛

މިސްކިތުގެ މަސައްކަތުގައި ބޭނުންކޮށްފައިވާ ދަގަނޑުހޮޅިއަކީ ކުރިން ބޭނުންކޮށް ކޮންމެވެސްވަރަކަށް ދަބަރު ޖަހާފައި ހުރި ހޮޅިކަން އެނގޭތީއާއި، ދަގަނޑުހޮޅިއަކީ ބޭނުންކޮށްފައި ހުރި ދަގަނޑުހޮޅިކަން އެތަކެތި ވިއްކި ތަނުގެ ބިލުން އެނގެން އޮތުމާއި، މިސްކިތުގެ މަސައްކަތް 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ނިންމައިދިނުމަށް އެމަސައްކަތް ކުރި ފަރާތުން ހުށަހަޅާފައިވާ އެސްޓިމޭޓްގައި އޮއްވައި އެ މަސައްކަތުގެ މުއްދަތަކީ 2 (ދޭއް) މަސްދުވަސް ކަމަށް މަސައްކަތުގެ އެއްބަސްވުމުގައި ލިޔެފައި އޮތުމާއި، މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި އޮތް މުއްދަތަށްވުރެ އިތުރަށް 19 (ނަވާރަ) ދުވަސް ފާއިތުވެފައިވާއިރު، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަށްވުރެ އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި ފައިސާ ކަނޑާނެގޮތް އެއްބަސްވުމުގައި ހިމަނާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ. އެފަދައެއްބަސްވުމުގައި ހިމަނަންޖެހޭކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައެއް އެހެން ނުކުތާތައްވެސް މަސައްކަތުގެ އެއްބަސްވުމުގައި ހިމަނާފައި ނުވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި އިސްދޫކަލައިދޫ އޮފީހުގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލަރ ޙުސައިން ޚަލީލު ކަމަށްވުމާއި، މިމައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށް ޙުސައިން ޚަލީލް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ، ލ.އިސްދޫކަލައިދޫ ކައުންސިލަރގެ މަގާމުގައި އެދުވަސްވަރުހުރި ލ.އިސްދޫ ގަދަގޭ ޙުސައިން ޚަލީލުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް 26 ޑިސެމްބަރ 2012 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×