ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ކުޑަކުދީންގެ ހަވީރެއް ބާއްވައިފި

08 Dec 2017

މާލޭގެ، އިސްލާމީ މަރުކަޒު މައިޒާނުގައި، ކުޑަކުދީންނަށް ޚާއްޞަކޮށްގެން ނަޒާހަތްތެރި ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ބާއްވާފައިވަނީ ޑިސެންބަރުމަހުގެ 8 ވަނަ ދުވަހުގެ ހަވީރުއެވެ.

މިއީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް (9 ޑިސެންބަރު) ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ހަވީރުގެ މަޤްޞަދަކީ ކުޑަކުދީންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ބާރުއެޅުމާއި، މުޖްތަމަޢުގައި ކުޑަކުދީންގެ އަމަލުތައް ބަހައްޓަންޖެހޭގޮތާ ގުޅޭގޮތުން، ކުޅިވަރާއި، މަޖަލުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

އެގޮތުން އޭސީސީ އިން ކުރިޔަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރޭގައި ނަޒާހަތްތެރިކަމާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ‘ސްނޭކް-އެންޑް-ލެޑަރ’، ‘ޓިކް-ޓެކް-ޓޯ’، ‘ޖިގްސޯ-ޕަޒްލް’، ސުވާލު-ބުރު، ކުލަޖެއްސުން އަދި ‘ފޭސް-ޕެއިންޓިންގ’ ހިމެނެއެވެ.

އޭސީސީއިން މި ހަވީރު ފާހަގަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ‘ހުކުރު-އުފާ’ ގެނަމުގައި ކުޑަކުދީންނަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިންނެވެ.

މިހަވީރުގައި އޭސީސީގެ ދަޢުވަތަށް، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޕަބްލިކް ސަރވިސް މީޑިއާ، އޯޑިޓް އޮފީސް، އަދި ދިވެހިބަހުގެ އެކެޑަމީ އިން ބައިވެރިވެފައިވެއެވެ. މި ހަވީރުގައި ބައިވެރިވި މުއައްސަސާތަކުގެ ސްޓޯލްތަކުން ކުޑަކުދީންނަށް ނަޒާހަތްތެރިކަން ދަސްކޮށްދިނުމުގެ ގޮތުން، ކުޑަކުދީންނާއި ގުޅުންހުރި ތަފާތު ކުޅިވަރުތައް ކުޅުމާއިއެކު، އެ މުއައްސަސާތަކާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×