ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

10 Dec 2017

އޭސީސީގެ ފަރާތުން މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޖަލްސާ ބާއްވާފައިވަނީ ޑިސެންބަރު 10 ވީ އާދީއްތަ ދުވަހުގެ ހެނދުނު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މާލަމްގައެވެ. މިއީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމްއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް (9 ޑިސެންބަރު) ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގެ އިތުރުން އޭސީސީގެ ނައިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދު، އަދި ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާ ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި އޭސީސީއިން ކޮންމެ ތިން މަހަކު އެއްފަހަރު ނެރޭ ބިތުފަންގި-ބުލެޓިން ގެ ދުވަހާއި ގުޅޭ ޚާއްޞަ ޢަދަދެއް ނެރެވުނެވެ. މި ބުލެޓިން ނެރެދެއްވާފައިވަނީ ކޮމިޝަނުގެ މެމްބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ. އޭގެ އިތުރުން ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ފަރާތުން ޝާއިޢުކުރާ ދެ ފޮތް ޢާއްމުކުރެވުނެވެ. އެގޮތުން އެއް ފޮތަކީ އޭސީސީގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވުނު، ކުޑަކުދީންނަށް އަމާޒުކޮށްގެން ނަޒާހަތްތެރިކަމާއި ގުޅޭ ވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހަޅާފައިވާ ވާހަކަތައް އެކުލަވާލައިގެން ޝާއިޢު ކުރެވޭ ‘އަބާންނަ – ކުރުވާހަކަ-1’ މިފޮތެވެ. މި ފޮތް ޢާއްމުކޮށްދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލް،އަލްފާޟިލް ޙަސަން ޒިޔަތެވެ. ދެވަނަ ފޮތަކީ ދިވެހިބަހުގެ އެކެޑެމީގެ އެހީތެރިކަމާއެކު، ޅެންވެރީންނަށް ހުޅުވާލި ފުރުސަތެއްގައި ޅެންވެރީން ހިލޭސާބަހަށް ލިޔެދެއްވާފައިވާ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުންހުރި ޅެންތައް އެކުލަވާލައިގެން ޝާއިޢު ކުރެވޭ ‘އަބާންނަ – ޅެން ފޮތް-1’ މިފޮތެވެ. މިފޮތް ނެރެދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ އެވެ.

މީގެ އިތުރުން އޭސީސީގެ އެކިއެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް، އެކަން ފާހަގަކޮށް ހަނދާނީ ފިލާ އަދި ހަނދާނީ ލިޔުން ދެވުނެވެ. އެގޮތުން އޭސީސީގެ ފަރާތުން ތައްޔާރުކުރާ ބިތުފަންގި-ރޭޑިއޯ ޕްރޮގްރާމް ގެނެސްދިނުމުގައި އެހީތެރިވެދެއްވާފައިވާތީ ރޭޑިއޯ އެޓޯލް އަދި ދިވެހިރާއްޖޭގެ އަޑު (ޕަބްލިކް ސަރވިސް މީޑިއާ) އަށް ހަނދާނީ ފިލާ ދެވުނެވެ. އޭގެ އިތުރުން ހަނދާނީ ފިލާ ދެވުނީ، ދުވަހާއި ގުޅޭގޮތުން ޅެންވެރީންނާއިއެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގައި ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ދިވެހިބަހުގެ އެކެޑަމީ އަށެވެ. ޙައްޤު ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލު ކޮށްދެއްވާފައިވަނީ ކޮމިޝަނުގެ މެންބަރު އަލްފާޟިލް ޞަފްވަތު މުޙައްމަދެވެ. މީގެ އިތުރުން، ހަނދާނީ ލިޔުން ދެވިފައިވަނީ އޭސީސީ އިން ޝާއިޢުކުރި ފުރަތަމަ ޅެންފޮތަށް ހިލޭސާބަހަށް ޅެން ހައްދަވައިދެއްވާފައިވާ ފަރާތްތަކުގެ އިތުރުން ބިތުފަންގި ރޭޑިއޯ ޕްރޮގްރާމްގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށާއި، އޭސީސީ އިން ކުރިޔަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅުނު ވާހަކަތައް ހިލޭސާބަހަށް އިންސާފުކޮށްދެއްވި ފަރާތްތަކަށެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޑޮކްޓަރ ޢަލީ ޝަމީމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×