އޭސީސީއިން ތެވެލި ކޮންފަރެންސާ ގުޅޭ ވޯކްޝޮޕްގައި ބައިވެރިވެއްޖެ

02 Oct 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން 02 އޮކްޓޫބަރު 2017 ވަނަ ދުވަހު ބޭއްވި “ނޭޝަނަލް ރިސަރޗް ޕްރިއޯރިޓީ ސެޓިންގ ވޯކްޝޮޕް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ. އެމް.އެން.ޔޫގައި ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްއަކީ އެ ޔުނިވަރސިޓީގެ މަހާސިންތާ “ތެވެލި 2017” ހަވާސާގެ ތެރެއިން ޤައުމީ ތަރައްޤީއަށްޓަކައި އެންމެ އިސްކަންދޭންޖެހޭ ރިސަރޗް ދާއިރާތައް ކަނޑައެޅުމަށް ހިންގުނު ވޯކްޝޮޕެކެވެ.

މިގޮތުން މިވޯކްޝޮޕްގައި ބައިވެރިވި ދައުލަތުގެ އިދާރާތަކުގައި އެ ދާއިރާއަކާއި ގުޅޭގޮތުންހުރި ގޮންޖެހުންތައް ފާހަގަކޮށް ޤައުމީ ފެންވަރުގައި ދިރާސާކުރުމަށް އިސްކަންދޭން ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. އޭސީސީއިންވެސް ވަނީ ކޮމިޝަންގެ މަސައްކަތާއި އަދި ޤައުމީ ފެންވަރުގައި ދިރާސާކުރުމަށް އިސްކަންދިނުމަށް މުހިއްމު ދާއިރާތައް ހުށަހަޅާފައެވެ. ދިރާސާކުރުމުގެ ދާއިރާތައް ދެނެގަތުމުގެ ބޭނުމަކީ އެމް.އެން.ޔޫ ގެ ފެކަލްޓީތަކުގެ ރިސަރޗް ޙަރަކާތްތައް ކަނޑައަޅައި ފުޅާކުރުމުގައި އިދާރާތަކުން އިސްކަންދޭ ޤައުމީ މައްސަލަތަކަށް ހައްލެއްހޯދުމުގައި ޢިލްމީނަޒަރަކުން ދިރާސާކޮށް އެމް.އެން.ޔޫގެ ފެކަލްޓީތަކުގެ ދައުރު ބައްޓަންކުރުމެވެ.

އޭސީސީގެ އިތުރަށް މިވޯކްޝޮޕުގައި ސަރުކާރާއި އެހެނިހެން މިނިވަން މުއައްސަސާތަކުން 35 އިދާރާއެއް ބައިވެރިވެފައިވެއެވެ. އޭސީސީގެ ފަރާތުން މިވޯކްޝޮޕްގައި ބައިވެރިވީ ކޮމިޝަނުގެ ސީނިއަރ ރިސަރޗް އޮފިސަރ އަލްފާޟިލާ އިކްލީލާ އިސްމާޢިލްއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×