ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް އޭސީސީގައި ފާހަގަކޮށްފި

08 Mar 2018

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފާހަގަކޮށްފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފެށިގެން ދިޔައީ އޭސީސީގެ އަންހެން މުވައްޒަފުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުމާ އެކުގައެވެ. ކޮމިޝަންގެ އަންހެން މުވައްޒަފުންނަށް ހެނދުނު އޮފީހުން އިސްތިޤްބާލްކުރީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި ކޮމިޝަންގެ މެމްބަރުންނާއި ހުރިހާ ފިރިހެން މުވައްޒަފުންނެވެ. އަންހެން މުވައްޒަފުންނަށް މަރުޙަބާ ކިޔުމާއެކު ކޮންމެ އަންހެން މުވައްޒަފަކަށް ކޮމިޝަނުގެ ފިރިހެން މުވައްޒަފުން ވަނީ ގަހާއި ޗޮކްލެޓް ހަދިޔާކޮށްފައެވެ.

މީގެއިތުރުން، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް ބާއްވާފައިވާއިރު، މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވި ރަޖިސްޓްރަރ އޮފް ކޮމްޕެނީސް އަލްއުސްތާޛާ މަރްޔަމް ވިސާމް އެވެ. ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއާއި، ޝަރަފްވެރި މެހެމާނު ރަޖިސްޓްރަރ އޮފް ކޮމްޕެނީސް އަލްފާޟިލާ މަރްޔަމް ވިސާމް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް ތަފާތު ދާއިރާތަކަށް ޚާއްޞަކޮށްގެން ޕްރޮގްރާމްތައް ހިންގަވާ ޖަމުޢިއްޔާއެއްކަމުގައިވާ އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިއަރސް އަށް އޭސީސީގެ އަންހެން މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީއެއް ވަނީ ހަދިޔާކޮށްފައެވެ. އެ ޖަމުޢިއްޔާގެ ފަރާތުން މި އެހީއާ ޙަވާލުވެވަޑައިގެންނެވީ ޖަމްޢިއްޔާގެ ފައުންޑަރ އަލްފާޟިލް ރަހީމާ އާދަމް އެވެ.

މިއަދުގެ ޖަލްސާގައި ކަނބަލުންނާމެދު ކޮމިޝަނުގެ ފިރިހެން މުވައްޒަފުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ވީޑިއޯ ޕްރެސެންޓޭޝަންއެއް ހުށަހަޅައިދީފައިވާއިރު، އޭސީސީގެ އަންހެން ކަނބަލުންވެސް އެ ކަނބަލުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅައިދީފައިވެއެވެ. ދުވަހާގުޅޭގޮތުން ތައްޔާރުކުރި ކޭކު ފަޅުއްވާދެއްވީ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް އަލްއުސްތާޛާ މަރްޔަމް ވިސާމް އާއި، ކޮމިޝަނުގެ މެމްބަރު އާމިނަތު މިންނާއާއި، އެސޯސިއޭޝަން އޮފް ލޭޑީ އޮންޓެޕްރިނިއަރސް ގެ ފައުންޑަރ އަލްފާޟިލް ރަހީމާ އާދަމް ގެ އިތުރުން އޭސީސީގެ އަންހެން މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×