ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ފޮތްތައް ހަމައަށް ނުލިބެނީސް ފައިސާ ދެއްކި މައްސަލާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

21 Mar 2018

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށްފަހު ހަމައަށް ފޮތްތައް ނުލިބުމުންނާއި، ލިބުނު ފޮތްތަކުގައި ހުރި ކުށްތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާގުޅޭ މައްސަލަ ތަޙްޤީޤްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ދިވެހި ސަރުކާރުން އިސްނަގައިގެން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ 150000 ފޮތް ޗާޕްކުރުމަށް، ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށް، އެކުންފުންޏާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު އެއްބަސްވުމެއް ހަދާފައިވެއެވެ.

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ޗާޕް ތައްޔާރުކުރުމަށް ވެވުނު އެއްބަސްވުމުގައި، މަސައްކަތުގެ ޖުމުލަ އަގުގެފަހު %15 ފައިސާ ދެއްކުމަށް އެއްބަސްވެފައިވަނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ހުރިހާ ފޮތެއް ޗާޕްކޮށް ހަވާލުކުރުމުންނެވެ. މިގޮތުގެ މަތިން، މަސައްކަތް ނިމުމުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި، މަސައްކަތް ނިމުނުކަން ޔަޤީންކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ޗާޕްކުރި ފޮތްތަކުގެ ތެރެއިން 98160 ފޮތް ހަވާލުނުކުރާކަން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގާފައި ވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ފޮނުވި ސިޓީއާ ހަވާލާދީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ސޮއިކޮށްފައިވާ އިންޓާރނަލް މެމޯގައި، ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ. އެ މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއިކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އެއްބަސްވެފައިވެއެވެ. މީގެއިތުރުން، އެ މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއިކަން އޭނާގެ ސޮއިގެ އެނާލިސިސް ރިޕޯޓުންވެސް އެނގެން އޮވެއެވެ.

ވުމާއިއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީގައި ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކޮށްފައިއޮއްވައި، ހުރިހާ ފޮތެއް ލިބުނުކަމަށް ބަޔާންކޮށް އިންޓާރނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރުމަށް އެންގި އެންގުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރުމަށް އެންގުންކަން އެނގެން އޮންނާތީއާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި މައްސަލަތަކެއް ދިމާވެ ފޮތްތަށް ބޭނުން ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ދަޢުލަތުގެ އިދާރާތަކަށް އަންގާފައިވަނިކޮށް، އެމަސައްކަތް ކުރި ފަރާތަށް ފައިސާ ދޫކުރުމަށް އެންގުން އެއީ، ވަކި ފަރާތަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، މިމައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ދަށުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މީގެއިތުރުން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ޗާޕް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި އެމަސައްކަތް ޙަވާލުކުރި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޖުމުލަ އަގު 30,801,000.00 (ތިރީސް މިލިއަން އައްލައްކަ އެއްހާސް) ރުފިޔާ ވަނީ އެ ކުންފުންޏަށް ދޫކޮށްފައެވެ. އެ މަސައްކަތުގެ ފުރިހަމައަގު ދަޢުލަތުން އެ ކުންފުންޏަށް ދައްކާފައިވާއިރު، ޗާޕްކުރަން ޙަވާލުކޮށްފައިވާ 150000 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ތެރެއިން، އެކުންފުނިން ޗާޕްކޮށް ދަޢުލަތަށް ފޯރުކޮށްދިން 51840 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕުތަކުގައި ކުށް ހުރުމާއި އަދި ޕްރިންޓްކުރުމުގައި މައްސަލަތަކެއް ހުރުމުން، އެއީ އޭގެއިން އެއްވެސް ބޭނުމެއް ކުރެވޭފަދަ ފޮތްތަކަކަށްނުވުމާއި، އަދި ބާކީ ހުރި 98160 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕުވެސް ދަޢުލަތަށް ލިބިފައި ނުވާތީ، އެމަސައްކަތްކުރުމަށް އެކުންފުންޏަށް ދަޢުލަތުން ދީފައިވާ ޖުމުލަ އަގު ކަމަށްވާ 30,801,000.00 (ތިރީސް މިލިއަން އައްލައްކަ އެއްހާސް) ރުފިޔާ ދަޢުލަތަށް އަނބުރާ ހޯދުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި އެޓާރނީ ޖެނެރަލްގެ އޮފީހަށް ވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×