ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ލޭންޑިންގ ކްރާފްޓެއް ގަތުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދަދީފައިވާތީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

11 Apr 2018

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ލޭންޑިންގ ކްރާފްޓެއް ގަތުމަށް ސިންގަޕޯރގެ ޕްރައިވެޓް ކުންފުންޏަކަށް ދިވެހިރާއްޖޭގެ ކުންފުންޏެއް ލޯކަލް އެޖެންޓުގެ ގޮތުގައި މެދުވެރިކޮށް، އެ ފަރާތުގެ ނަމުގައި އަގުގެ (850000.00 ޑޮލަރު) %30 ކަމުގައިވާ 255000.00 ޑޮލަރު ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ދައްކާފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

1. މިމައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،

1.1 ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށް އެ ކުންފުނިން 12 ފެބްރުއަރީ 2017 ގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް ފޮނުވާފައިވާ ޕްރޮޕޯސަލްއަކީ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އެދިގެން ފޮނުވާފައިވާ ޕްރޮޕޯސަލްއެއް ކަމާއި މި ޕްރޮޕޯސަލްއާއި ސިޓީގައިވެސް ވެމްކޯގެ އެންޓްރީ ތައްގަނޑު ޖަހާފައިނުވާކަމާއި ރަސްމީއެއްވެސް ސިފައެއްގައި އެ ޕްރޮޕޯސަލް ވެމްކޯއަށް ލިބިފައިނުވާކަން ތަޙްޤީޤަށް އެނގެން އޮވެއެވެ.

1.2 ވެމްކޯއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޕްރައިވެޓް ކުންފުންޏަކުން ޕްރޮޕޯސަލް ހޯދާފައިވަނީ ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޕްރޮކިއުމަންޓް މެނުއަލްއާ ޚިލާފަށް ވެމްކޯގެ އެއްވެސް ޑިޕާޓްމަންޓެއްގެ ރިކުއެސްޓެއްނެތި އަދި އެ ލޭންޑިންގ ކްރާފްޓަކީ ކުންފުންޏަށް ބޭނުންވާ ލޭންޑިންގ ކްރާފްޓެއްކަން ނިންމައިގެންނޫންކަން އެނގެން އޮވެއެވެ.

1.3 ލޭންޑިން ކްރާފްޓެއް ގަންނަން ބޭނުންވެއްޖަނަމަ، އެކަމަށް އެދި ބޯޑަށް ހުށަހަޅަންޖެހެނީ ލޭންޑިންގ ކްރާފްޓް ބޭނުންވާ ޑިޕާޓްމަންޓުން ނުވަތަ އެ ލޭންޑިންގ ކްރާފްޓް ގަތުމަށްއެދި ލޮޖިސްޓިކްސް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓަށް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭއިރު، ވެމްކޯގެ ގައި ބޭއްވި ބޯޑު ބައްދަލުވުމަށް ޕްރައިވެޓް ކުންފުނީގެ ޕްރޮޕޯސަލްގައި ވިއްކުމަށް ހުށަހަޅާފައިވާ ލޭންޑިންގ ކްރާފްޓް ގަތުމަށް ހުށަހެޅީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރކަން ބޯޑު ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންގ އެނާލިސިސްއިންނާއި މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮވެއެވެ.

1.4 ލޭންޑިންގ ކްރާފްޓް ގަތުމަށް ވެމްކޯގެ ބޯޑު ބައްދަލުވުމަށް، އޭރުގެ މެނޭޖިންގ ޑިރެކްޓަރ ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ ވާދަވެރި ބިޑަކަށް ނުގޮސް އަދި އިމަޖެންސީ ރިކުއިޒިޝަނެއްވެސްނެތި އަދި ޙާއްސަ ޕްރެޖެކްޓެއްގެ ގޮތުގައިވެސް ކަނޑަނާޅައި، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޕްރޮކިއުމަންޓް މެނުއަލްއާ ޚިލާފަށް ހޯދާފައިވާ ޕްރޮޕޯސަލްއެއްކަން އެނގެން އޮވެއެވެ.

1.5 އެ ލޭންޑިންގ ކްރާފްޓް ގަތުމަށް ވެމްކޯގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާކަމާއި އެ ލޭންޑިންގ ކްރާފްޓް ގަތުމަށް ޕްރައިވެޓް ކުންފުންޏާއެކު ވެމްކޯއިން އެއްބަސްވުމެއް ވެފައިވާކަމާއި އެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މެނޭޖިންގ ޑިރެކްޓަރކަން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުންނާއި ސޮއި އެނާލިސިސް ރިޕޯޓުން އެނގެން އޮވެއެވެ.

1.6 ލޭންޑިންގ ކްރާފްޓް ގަތުމުގެ ކުރިން ސާރވޭ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމާއި ސާރވޭ ރިޕޯޓުގައި، ލޭންޑިންގ ކްރާފްޓްގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ވެމްކޯގެ ބޯޑު މެންބަރުންގެ މަޝްވަރާ ހޯދާފައިނުވާ ކަމާއި، އޭރުގެ މެނޭޖިންގ ޑިރެކްޓަރ އެ ލޭންޑިންގ ކްރާފްޓް ގަތުމަށް އެއްބަސްވެ އެގްރީމަންޓުގައި ސޮއިކޮށްވަނީ އެ ލޭންޑިންގ ކްރާފްޓުގެ ހާލަތު ރަނގަޅަށް އެނގިހުރެކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ. ޓެކްނިކަލް އިވްލުއޭޝަނަށްފަހު އިވަލުއޭޝަން ރިޕޯޓް ވެމްކޯގެ ބޯޑަށް ހުށަހެޅުމަށްފަހު ލޭންޑިންގ ކްރާފްޓް ގަންނަން ވެމްކޯގެ ބޯޑުން ފާސްކޮސްގެންނޫނީ ލޭންޑިންގ ކްރާފްޓް ނުގަނެވޭނެކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮވެއެވެ. މީގެއިތުރުން، ލޭންޑިންގ ކްރާފްޓު ސަޕްލައި ކުރުމަށް ވެމްކޯ އިން ސޮއިކޮށްފައިވާ އިސްވެދެންނެވުނު އެއްބަސްވުން އޭގެފަހުން އުވާލާފައިވާކަންވެސް ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

1.7 އެ ލޭންޑިންގ ކްރާފްޓުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޖުމުލަ އަގުގެ %30 (ތިރީސް އިންސައްތަ) އަށްވާ 3,932,100.00 (ތިން މިލިއަން ނުވަލައްކަ ބައްތިރީސްހާސް ސަތޭކަ) ރުފިޔާ އެއްބަސްވުމުގައިވާ ގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ޕްރައިވެޓް ކުންފުނީގެ ލޯކަލް އެޖެންޓަށް ދީފައިވަނީ ވެމްކޯގެ ޕްރޮކިއުމަންޓު ޕޮލިސީއާ ޚިލާފަށެވެ. އަދި އެ ޕްރައިވެޓް ކުންފުނިން ވެމްކޯއަށް ހުށަހަޅާފައިވާ އެ ކުންފުނީގެ އިންވޮއިސްގައި، %30 (ތިރީސް އިންސައްތް) އެޑްވާންސް ޕޭމަންޓް އެޕްރޫވްކުރުމަށް އަތުލިޔުމުންލިޔެ ސޮއިކޮށްފައިވަނީ، އޭރުގެ މެނޭޖިންގ ޑިރެކްޓަރ ކަން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުންނާއި އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ސޮއިގެ އެނާލިސިސް ރިޕޯޓުން އެނގެން އޮވެއެވެ.

ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިންގ ކްރާފްޓެއްގަތުމުގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އާއި އެ ޕްރައިވެޓް ކުންފުނިން ވެމްކޯއަށް ލޭންޑިންގ ކްރާފްޓެއް ގަތުމުގައި އޭރުގެ މެނޭޖިންގ ޑިރެކްޓަރ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނަޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން މި މައްސަލައިގެ ތަޙްޤީޤުން އެނގެންއޮތަތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ) ދަށުން، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދަޢުވާ ކުރުމަށާއި އެ ލޭންޑިންގ ކްރާފްޓުގެ އެޑްވާސް ޕޭމަންޓްގެ ގޮތުގައި ދީފައިވާ 3,932,100.00 (ތިން މިލިއަން ނުވަލައްކަ ބައްތިރީސްހާސް ސަތޭކަ) ރުފިޔާ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ އަތުން ދައުލަތަށް އަނބުރާ ހޯދުމަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗަރ ރިކުއިޒިޝަން ފޯމަކީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ބުނެގެން ތައްޔާރުކޮށްފައިވާ ފޯމެއްކަމާއި އެހެންކަމުން މި ފޯމަކީ، އެއްވެސް ޑިޕާޓްމަންޓެއްގެ ރިކުއެސްޓެއްނެތި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރއަށް ލިބިފައިވާ ޕްރޮޕޯސަލްއެއް މެނޭޖިންގ ޑިރެކްޓަރ ވެމްކޯގެ ބޯޑަށް ހުށަހަޅައިގެން ގަންނަން ފާސްކޮށް އަދި އެ ލޭންޑިންގ ކްރާފްޓް ސާވޭކުރި ފަހުން ތައްޔާރުކޮށްފައިވާ ފޯމަކަށްވާތީ މި ފޯމަކީ، ހަވާލާދީފައިވާ ލޭންޑިންގ ކްރާފްޓަކީ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ގަންނަން ނިންމާފައިވާ ލޭންޑިންގ ކްރާފްޓެއްކަން ދެއްކުމަށް ތައްޔާރުކޮށްފައިވާ ފޯމެއްކަމަށް ތަޙްޤީޤަށް ބެލެވޭތީ، އެ ފޯމަކީ ފޯޖުކޮށްފައިވާ ލިޔުމެއްކަމަށް ބެލެވޭތީ، މިމައްސަލަ ތަޙްޤީޤްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ފޮނުވިފައެވެ.

3. މި މައްސަލާގައި އިސްލާޙްކުރަން އެންގުނު ކަންތައްތަކުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު ބައްދަލުވުންތަކުގެ ޔައުމިއްޔާ ޖެހިގެން އޮންނަ ބޯޑު ބައްދަލުވުމަށް ހުށަޅާ ފާސްކުރުމަށް ވެމްކޯއަށް އެންގީއެވެ. މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ބަލައިގަންނަ ލިޔުންތައް އެންޓްރީ ކުރުމަށާއި އެންޓްރީ ކުރުމަށް ހަރުދަނާ އުސޫލެއް ގާއިމުކުރަން ވެމްކޯއަށް އެންގީއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ހިދުމަތާއި ތަކެތި ހޯދުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޕްރޮކިއުމަންޓް މެނުއަލްއާ އެއްގޮތަށް ޢަމަލުކުރުމަށް ވެމްކޯއަށް އެންގީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×