ދިވެހިބަހުގެ ދުވަސް އޭސީސީގައި ފާހަގަކޮށްފި

15 Apr 2018

ދިވެހިބަހުގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު (15 އެޕްރީލް 2018) ފާހަގަކޮށްފިއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭސީސީގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރެވެ.

މި ރަސްމިއްޔާތުގެ ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. ޙަސަން ލުޠުފީގެ ވާހަކަފުޅުގައި، ދިވެހި ބަހަކީ ޒަމާނާ އެއްގޮތަށް ކުރިއަރަންޖެހޭ ބަހެއް ކަމަށާއި، ބަސް ބޭނުންކުރުމުގައްޔާއި، ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ޒަމާނާ އެއްގޮތަށް ބަދަލުތައް އަންނަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ދިވެހިބަހުގެ ދުވަހާ ގުޅޭގޮތުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ. އަޝްރަފް ޢަލީގެ ވާހަކަފުޅުގައި، އިސްލާމްދީނުގައި ބަހަށް ދެއްވާފައިވާ މުހިންމުކަމަށް އަލިއަޅުވާލައި، ބަހެއް އުފެދިގެން އަންނަގޮތާއި ބަހުގެ މުހިންމުކަމަށް ޢިލްމީގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވޮއެވެ. އޭގެއިތުރުން، ދިވެހި ބަހުގެ އައު ލަފްޒުތައް އުފެއްދުމަކީ ވަރަށް ކުރީއްސުރެން ކުރަމުން އަންނަ ކަމެއްކަމަށާއި، އެމަސައްކަތް މިހާރު އިތުރަށް ފުޅާކުރެވި އެކަމަށް ހޭދަކުރާ ވަގުތާއި، ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާއިރު، ޢިލްމީ ބަހުސްތަކުގައްޔާއި މީސްމީޑިއާގައި މައްސަލަތަކެއްގެ ވާހަކަ ފާހަގަކުރައްވާކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުރަން އޮތް ހަމައެކަނި މަސައްކަތަކީ ވިސްނުން ބަދަލުކުރުން ކަމަށާއި، އެކަން ފުރަތަމަ ފެށިގެން އަންނަންޖެހެނީ ގޭތެރެއިން ކަމަށް ވިދާޅުވެ، އެކަމުގައި މައިންބަފައިން ޒިންމާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބް (އޭ.ސީ.ސީ.އާރު.ސީ) ގެ ފަރާތުން އޭސީސީގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ދިވެހި ޓައިޕްކުރުމުގެ މުބާރާތުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށާއި، މުބާރާތުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ. އޭގެއިތުރުން، އޭސީސީގެ އަންހެން މުވައްޒަފުންގެ ފަރާތުން ޚާއްޞަ ޅެމެއް ހުށަހަޅައިދީފައިވެއެވެ.

މި ރަސްމިއްޔާތު ނިންމުމުގެ ގޮތުން އޭސީސީގެ ފަރާތުން އޭސީސީގެ މެމްބަރު އާމިނަތު މިންނާ ވާހަކަފުޅު ދެއްކެވިއެވެ. އާމިނަތު މިންނާގެ ވާހަކަފުޅުގައި، ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި އޭސީސީން ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭނެ ކާމިޔާބު މަސައްކަތެއް ކަމަށާއި، އެގޮތުން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×