ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު’ ޕްރޮގްރާމް ބ. ތުޅާދޫ ސްކޫލްގައި 12 އެޕްރީލް 2018 ވީ ބުރާސްފަތި ދުވަހު ކުރިޔަށްގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ބެލެނިވެރިންގެ ދައުރުއަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.
ބ. ތުޅާދޫ ސްކޫލުގެ ޖުމްލަ 88 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ބ.ތުޅާދޫ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ހިންގުމަށް ބ.ތުޅާދޫ އަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ތުޅާދޫ ސްކޫލުންނެވެ.