ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް ބ.ތުޅާދޫ ސްކޫލްގައި 11 އޭޕްރިލް 2018 ބުދަ ދުވަހު ކުރިޔަށްގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ.
ބ.ތުޅާދޫ ސްކޫލުގެ ޖުމްލަ 27 މުދައްރިސުންނަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ބ.ތުޅާދޫ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ހިންގުމަށް ބ.ތުޅާދޫ އަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ތުޅާދޫ ސްކޫލުންނެވެ.