އޭސީސީއިން 2017 ވަނަ އަހަރުގެ ނޮވެމްބަރު 13 އިން 15 އަށް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ އިޖުތިމާޢީ އޮޑިޓުގެ ޕައިލެޓް ދިރާސާ ރިޕޯޓް އާންމުކޮށްފިއެވެ. މި ރިޕޯޓް އާންމުކޮށްފައިވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 23 އޭޕްރީލް 2018 ވީ ހޯމަ ދުވަހު އޭސީސީގެ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، މި ރިޕޯޓް ނެރެދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރުއެވެ. މި ރިޕޯޓުގައި ހިމެނޭ ބައިތަކުގެ މައްޗަށް އެކުލަވާލާފައިވާ ޕްރެސެންޓޭޝަނެއް މި ޖަލްސާގައި ވަނީ ހުށަޅާފައެވެ.
އިޖުތިމާޢީ އޮޑިޓު ޕައިލެޓް ދިރާސާއަކީ، ތަރައްޤީގެ މަޝްރޫޢޫތަކާ ގުޅިގެން ހިނގާ ކޮރަޕްޝަނުގެ ޢަމަލުތައް މަދުކޮށް ޖަވާބުދާރީކުރުވުމާއި ދެފުށްފެންނަ ހިންގުމުގެ ނިޒާމަކަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުން އިސްނަގައިގެން މަސައްކަތްކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން އޭސީސީއިން ފަށާފައިވާ އިޖުތިމާޢީ އޮޑިޓު ޕްރޮގްރާމްގެ ދަށުން ހިންގުނު ދިރާސާއެކެވެ. މި ދިރާސާ އަމަޒުކުރެވުނީ ފުވައްމުލަކު ސިޓީގައި ކުރިއަށްދާ އިކޯ ފެސިލިޓީ ޤާއިމްކުރުމުގެ މަޝްރޫޢަށެވެ. އިޖުތިމާޢީ އޮޑިޓު ޕްރޮގްރާމަކީ ޔޫ.އެން.ޑީ.ޕީގެ މާލީ އެހީތެރިކަމާއެކު އޭސީސީއިން ހިންގާފައިވާ ޕްރޮގްރާމެކެވެ.