ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި!

23 Apr 2018

2018ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ ބޭއްވީ 23 އެޕްރީލް 2018 ވަނަ ދުވަހުގެ ހެނދުނު އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ، ޑރ. ޢަބްދުﷲ ނަޒީރުއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި، އެންޓި-ކޮރަޕްޝަންގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ މީހުންގެ ރުހުން ލިބޭނެ މަސައްކަތެއް ނޫންކަމަށާއި، އެ މަސައްކަތުގައި ހިތްވަރާއެކު ދެމިތިބެން ޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި’ އެ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވިނަމަވެސް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ހާސިލުކުރުމަކީ މުވައްޒަފުންގެ މަސްއޫލިއްޔަތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި ޤައުމަކީ އަޅަގަނޑުމެންނަށް ލިބިފައިވާ ވަޤްފެއްކަމަށާއި މާދަމާގެ ޖީލުތަކަށް އަމާނާތްތެރިކަމާއެކު މ ވަޤުފު ފޯރުކޮށްދޭންޖެހޭކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ދެއްކެވި ވާހަކަފުޅުގައި އޭސީސީގެ ތަޙުޤީޤީ މަސައްކަތްތައް ހަލުވިކޮށް ކޮމިޝަނުގައި ނުނިމިހުރި މައްސަލަތައް އަވަހަށް ނިންމުމުގެ ޢަޒުމްގައި ސާބިތުކަމާއެކު މަސައްކަތްކުރުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައިވެއެވެ. އެގޮތުން މިއަހަރު ނިމޭއިރު ކޮމިޝަނުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 500 އަށްވުރެ މަދުކުރުމަށް އަޒުމްކަނޑައަޅުއްވާފައިވާކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ކޮމިޝަންގެ 2017 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތާއި، ކޮމިޝަނުން ކޮންމެ ކުއާޓަރއަކު އެއްފަހަރު ނެރޭ ބިތުފަންގި ބުލެޓިންގެ 2 ވަނަ ވޮލިއުމްގެ 4 ވަނަ އަދަދު ވަނީ ޢާއްމުކޮށްފައެވެ. އަދި 2017ވަނަ އަހަރު ކޮމިޝަނުން ހިންގާފައިވާ އިޖުތިމާޢީ އޮޑިޓްގެ ޕައިލެޓް ދިރާސާ ރިޕޯޓް އާއްމުކޮށް އެ ދިރާސާގެ ހޯދުންތަކާގުޅޭ ޕްރެޒެންޓޭޝަންއެއް މިއަދުގެ ޖަލްސާގައި ހުށަހަޅާފައިވެއެވެ. ޔޫއެންޑީޕީގެ މާލީ އެހީތެރިކަމާއެކު ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި، މިނސްޓްރީ އޮފް އެންވަޔަރންމަންޓް އެންޑް އެނަރޖީއިން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އިކޯ ފެސިލިޓީ މަޝްރޫޢުގެ މައްޗަށް އިޖުތިމާޢީ އޮޑިޓެއް ހިންގާފައިވެއެވެ. އަދި، މި ޖަލްސާގައި ކޮމިޝަނުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ ގުޅޭ އަތްމަތީ ފޮތާއި، 2017 ވަނަ އަހަރު ކޮމިޝަނުން އިންތިޒާމުކުރި އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ ގެ ރަސްމީ ފޮތްވެސް ނެރެފައިވެއެވެ. ހަމައެއާއެކު މި ޖަލްސާގައި ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ހާޟިރީއިން އެންމެ މަތިން މާކުސް ހޯދި ފަރާތްތަކަށާއި އެޕްރައިޒަލްއިން 90 އިން މަތި ހޯދި ފަރާތްތަކަށް ހަނދާނީލިޔުން ވަނީ ދީފައެވެ.

މީގެ އިތުރުން މިޖަލްސާގައި ކޮމިޝަނުގެ މުވައްޒަފުންނަށް ހުޅުވާލާއިގެން ކުރިޔަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. މިފަރާތްތަކަށް އިނާމް ޙަވާލުކޮށްދެއްވީ ކޮމިޝަނުގެ މެންބަރ އަލްފާޟިލް ޞަފްވަތު މުޙައްމަދެވެ.

މި ޖަލްސާގައި ޝަރަފްވެރި މެހެމާނުގެ އިތުރުން، މިނިސްޓްރީ އޮފް އެންވަޔަރންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުސްޠަފާއާއި، ޔޫ.އެން.ޑީ.ޕީގެ ޕްރޮގްރާމް އޮފިސަރ، ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން ބައިވެރިވެފައިވެއެވެ. ކޮންމެ އަހަރެއްގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×