އޭސީސީއިން 2018ވަނަ އަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި 280 މައްސަލަ ރަޖިސްޓްރީކޮށްފި

06 May 2018

މިއަހަރުގެ ފުރަތަމަ ތިންމަހުގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ 280 މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި، އޭސީސީއަށް ހުށަހެޅިފައިވާ 162 މައްސަލައާއި އޭސީސީން އިސްނަގައިގެން ބަލަންފެށި 118 މައްސަލައާއެކު ޖުމްލަ 280 މައްސަލަ ރަޖިސްޓްރީކުރެވިފައިވާއިރު، 2017 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކުރެވިފައިވަނީ 274 މައްސަލައެވެ. މިއީ 2017 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 2.19 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤުކުރުމަށް ނިންމީ 248 މައްސަލައެވެ. 2017 ވަނަ އަހަރު އެމުއްދަތުގައިވެސް ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 248 މައްސަލައެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭ މައްސަލަތައް އެ އިޚުތިޞާސް އޮންނަ ކަމާގުޅޭ އިދާރާއަކަށް ފޮނުވަމުންދާ އުޞޫލުގެދަށުން، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 16 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ފޮނުވިފައެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 20 މައްސަލައެވެ.

މީގެއިތުރުން، ކޮމިޝަނުގެ އިޚުތިޞާސްގެ ތެރޭގައި ނުހިމެނޭތީއާއި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 36 މައްސަލަ މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި ނުބަލާ ދޫކޮށްލާފައިވަނީ 34 މައްސަލައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×