އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ގއ.ވިލިނގިލީގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 5 މޭ 2018 ވީ ހޮނިހިރު ދުވަހު ގއ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. 6 ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓް އާ ބެހޭ ބާބަށް ބައިވެރިންވަނީ އަހުލުވެރި ކޮށްފައެވެ.
ގއ.ވިލިނގިލީގެ ޖުމްލަ 3 މުއައްސަސާއަކުން 12 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ގއ. އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.