ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ‘ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު’ ޕްރޮގްރާމު ގއ. އަތޮޅު ތަޢުލީމީ މަރުކަޒު (އޭ.އީ.ސީ.) ގައި 4 މޭ 2018 ވީ ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާ، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.
ގއ. އޭ.އީ.ސީ.ގެ ޖުމްލަ 12 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާ، ކައުންސިލްތަކާ، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ގއ. އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.