ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް ގއ.ނިލަންދޫ ސްކޫލުގައި 10 މޭ 2018 ވީ ބުރާސްފަތި ދުވަހު ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމާބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.
ގއ.ނިލަންދޫ ސްކޫލުގެ ޖުމްލަ 9 މުދައްރިސުންނަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ. މި ޕްރޮގްރާމް ހިންގާފައި ވަނީ ގއ.ނިލަންދޫ ސްކޫލުގައެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ގއ.ނިލަންދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.