“ގެދޮރުވެރިކުރުވުން” ޕްރާގްރާމްގެ ދަށުން ފުލެޓްތައް ދޫކުރިގޮތާއި ގުޅޭ މައްސަލަ އޭސީސީއިން ބަލައި ނިންމައިފި.

31 May 2018

“ގެދޮރުވެރިކުރުވުން” ޕްރާގްރާމްގެ ދަށުން ފުލެޓްތައް ދޫކޮށްފައިވާ ގޮތާއި ގުޅޭގޮތުން މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބެލިބެލުމުން ފާހަގަކުރެވުނު ކަންތައްތަކައް ބަލާއިރު،

1. “ގެދޮރުވެރިކުރުވުން” ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމްތައް ބަލައިގަތްއިރު ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކޮމްޕިއުޓަރ ޖެނެރޭޓެޑް ސްލިޕްއެއް ފޯމް ހުށަހެޅި ފަރާތްތަކަށް ދޫކޮށްފައިވެއެވެ. އެ ސްލިޕްގެ ތިރީގައި “މިއީ ފޯމްގައި ދެވިފައިވާ މަޢުލޫމާތަށް ބަލައި ދެވިފައިވާ ޕޮއިންޓް ކަމަށާއި، ފޯމްގައިވާ މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް އިތުރަށް ޗެކްކުރާއިރު ޕޮއިންޓް ދިނުމުގައި މައްސަލައެއް އުޅޭ ނަމަ ދީފައިވާ ޕޮއިންޓް އިސްލާހު ކުރެވޭނެ ކަމަށް” ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެ ސްލިޕްގައި އެވާ ޕޮއިންޓްއަކީ އެއްވެސް ޙާލަތެއްގައި އެފަރާތްތަކަށް ލިބިފައިވާ ފައިނަލް ޕޮއިންޓް ނޫންކަން ފާހަގަކުރެވޭތީ އާއި، ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޕޮއިންޓް އުނިއިތުރު ކޮށްފައިވަނީ އެފަރާތްތަކުން ހުށަހަޅާފައިވާ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި ފްލެޓަށް އެދި ފޯމު ހުށަހެޅިތާ އަހަރުތަކެއްވެފައިވާތީ އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ބެލުމަށްފަހު ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާތީކަން ފާހަގަކުރެވެއެވެ.

2. ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް އެކިއެކި ސަބަބުތަކާހުރެ ނިމިފައެއް ނުވެއެވެ. އެއީ، އެފަރާތްތަކުގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރެވިފައިވުމާއި، މާލެއިން އަތޮޅުތެރޭގެ ރަށްރަށަށް ދިރިއުޅުން ބަދަލުކުރެވިފައިވުމާއި، ވަޒީފާގެ ގޮތުން ދިރިއުޅޭ ތަނަށް ޒިޔާރަތްކޮށް ހާލަތު ބެލެން ނެތުމުންނާއި، ދިރިއުޅޭ އެޑްރެސް ބަދަލުވުމާއި، ތަކުރާރުކޮށް ގުޅުމުންވެސް ދިމާނުވުމުންނާއި، ފޯނު ނަންބަރު ބަދަލުވުމުން ފޯނަށް ނުގުޅުން ފަދަ ކަންތައްތައް ދިމާވުމުންނެވެ. ނަމަވެސް، އެފަދަ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެފަރާތްތަކުން 01 ޖޫން 2017 ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ސިޓީ ހުށަހެޅުމަށާއި، ނުވަތަ ފޯނު މެދުވެރިކޮށް އެކަން އެންގުމަށާއި، އަދި 15 ޖޫން 2017 ގެ ފަހުން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާރވޭ ކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ފުރުޞަތު ދެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)138-DS3/138/2017/31 (22 މޭ 2017) އިޢުލާން ކޮށްފައިވާކަން ފާހަގަކުރެވޭތީ އާއި، މި ދެންނެވި މުއްދަތުގައި ސާރވޭ ކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާކަން ފާހަގަކުރެވެއެވެ.

3. ފްލެޓް ނުލިބިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ޝަކުވާތަކާ ގުޅިގެން އެފަރާތްތަކުގެ ފޯމާއި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި، އަދި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އިން އިތުރަށް ބެލުމަށްފަހު، ޕޮއިންޓަށް ބަދަލު ގެންނަންޖެހޭ ފަރާތްތަކަށް އެބަދަލު ގެނެސް، އޭގެ ތެރެއިން ފްލެޓް ލިބެންޖެހޭ ފަރާތްތަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވެއެވެ.

4. ކެޓަގަރީ 1 އިން ފްލެޓް ލިބެނީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އަދި ކެޓަގަރީ 2 އިން ފްލެޓް ލިބެނީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށްވާއިރު، ކެޓަގަރީ 1 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 110 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވޭތީ އާއި، އަދި ކެޓަގަރީ 2 އިން ފުލެޓް ލިބުނު ފަރާތްތަކަކީ 112 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަން ފާހަގަކުރެވެއެވެ.

ވީމާ، މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭނެ ވަރަށް ހެކި ލިބިފައިނެތަތީވެ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×