އޭސީސީއިން ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2018 ގައި ބައިވެރިވެއްޖެ

14 Apr 2018

ސިވިލް ސަރވިސްގެ ކޮމިޝަނުގެ ފަރާތުން 14 އިން 15 އެޕްރީލްއަށް ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ސިވިލް ސަރވިސް ކޮންފަރެންސް 2018 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެ ދިރާސާ ކަރުދާސް ހުށަހަޅާފައިވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ސިވިލް ސަރވިސްގެ އިންތިޒާމުތަކާއި އެކަށައެޅިފައިވާ ނިޒާމުތައް ދިރާސާކުރުމާއެކު އެކަންކަން މުރާޖަޢާކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ޒަމާނީ ބަދަލުތައް ދެނެގަނެ ކޮންފަރެންސް މަޤްޞަދުގައި ސިވިލް ސަރވިސް ކޮމިޝަނުން ކޮންމެ ދެއަހަރުން އެއްއަހަރު ބާއްވަމުން ގެންދާ މަހާސިންތާގައި އޭސީސީގެ ކަރުދާސް ހުށަހަޅާފައިވަނީ މަހާސިންތާގެ ފުރަތަމަ ދުވަހުގައެވެ.

 އޭސީސީއިން މިމަހާސިންތާގައި ހުށަހެޅި ކަރުދާހުގެ މައުޟޫޢުއަކީ “މުވައްޒަފުން ވަޒީފާއަށް ލެއްވުމުގައި އިދާރީ ގޮތުންވާ އިހުމާލާއި ކޮރަޕްޝަނުގެ ހިރާސް” އެވެ. މި ކަރުދާހުގައި ވަޒީފާއަށް މުވައްޒަފުން ލެއްވުމާ ގުޅޭގޮތުން އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް އިދާރީ ގޮތުން ހިންގާ އިހުމާލުތަކުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތްތަކަށް އަލިއަޅުވާލާފައިވާނެއެވެ. ހަމައެއާއެކު ދިރާސާއަށް ފާހަގަވި ކަންކަން އިސްލާޙްކުރަން ހުށަހަޅާ ކަންކަން ފާހަގަކޮށްފައިވެއެވެ. އޭސީސީގެ ފަރާތުން ހުށަހަޅި މިކަރުދާސް ތައްޔާރުކުރީ އޭސީސީގެ ސީނިއަރ ރިސަރޗް އޮފިސަރ އަލްފާޟިލާ އިކްލީލާ އިސްމާޢިލް އަދި އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލްފާޟިލާ ޢާއިޝަތު މަނާލް ޚާލިދުއެވެ.  އަދި ކޮންފަރެންސްގައި ކަރުދާސް ހުށަހަޅާފައިވަނީ އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލްފާޟިލާ ޢާއިޝަތު މަނާލް ޚާލިދުއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×