މަޤާމާއި ޙަވާލުވުމުގެ ކުރިން ހުށަހަޅާ މާލީ ބަޔާން
އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އަކީ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ) ގެ މެންބަރެކެވެ. އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އޭ.ސީ.ސީ.އޭ ފުރިހަމަކުރައްވާފައިވަނީ 2018 ވަނަ އަހަރު ސްރީލަންކާގެ މާކަރީ އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްއިންނެވެ. ސްރީލަންކާއަށް ވަޑައިގެންނެވުމުގެ ކުރިން އަލްފާޟިލާ އާއިޝަތު ޢަބްދުﷲ ވަނީ ވިލާ ކޮލެޖުން 2017 ވަނަ އަހަރު އޭ.ސީ.ސީ.އޭގެ ސްކިލް ލެވެލް ފުރިހަމަކުރައްވާފައެވެ. އޭ.ސީ.ސީ.އޭ ފުރިހަމަކުރެއްވުމުގެ ކުރިން އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝިއަންސް (އޭ.އޭޓީ) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އޭ.ސީ.ސީ.އޭގެ މެންބަރަކަށް ވުމަށްފަހު، ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުވެވަޑައިގެންނެވިއިރު އަދާކުރައްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މިނިސްޓްރީ އޮފް ފިނޭންސްގައި މަސައްކަތްކުރެއްވި ދުވަސްވަރު އޮޑިޓް އެގްޒެކެޓިވްގެ މަޤާމުގެ އިތުރުން އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އަކީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ސްކްރެޓޭރިއަޓެވެ. މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް ވަޑައިގެން އަލްފާޟިލާ އާއިޝަތު ޢަބްދުﷲ ވަނީ ވިލާ ކޮލެޖް އަދި ކްލިކް ކޮލެޖުގެ ޕަރޓްޓައިމް ލެކްޗަރާއެއްގެ މަޤާމުވެސް އަދާކުރައްވާފައެވެ. މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށް ވަޑިއިގެންނެވުމުގެކުރިން 2014 ވަނަ އަހަރުން ފެށިގެން އަލްފާޟިލާ އާއިޝަތު ޢަބްދުﷲ މަސައްކަތް ކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައެވެ. އެދުވަސްވަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް ބަޖެޓް އޮފިސަރގެ ގޮތުގައާއި އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައި އަލްފާޟިލާ އާއިޝަތު ޢަބްދުﷲ މަސައްކަތްކުރެއްވިއެވެ. އޭގެ ކުރިން 2012 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގައި ސީނިއަރ އެކައުންޓް އޮފިސަރގެ މަޤާމުއަދާކުރެއްވިއެވެ.
އަލްފާޟިލާ އާއިޝަތު ޢަބްދުﷲ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ކުރެއްވީ 09 ސެޕްޓެންބަރު 2019 ގައެވެ.